އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ މައްޗަށް އެންމެފަހު އުފުލާފައިވާ ދައުވާގެ ޝަރީއަތް އާންމުކޮށް ހުޅުވާލައި، ވަގުތުން ޓީވީން ދެއްކޭ ގޮތަށް ކުރިއަށް ގެންދިއުމަށް ކްރިނަލްކޯޓްގައި އަދީބް އެދިވަޑައިގެންފިއެވެ.
މިމައްސަލައިގެ ޝަރީއަތް ވަގުތުން ދެއްކުމަށް އަދީބް ހުށައަޅުއްވާފައިވާއިރު އެކަމާ ގުޅޭގޮތުން އަދީބުގެ ގާނޫނީ ވަކީލް ވަހުފޫޒް ސައީދު ވިދާޅުވީ މިމައްސަލާގައި އަދީބް ބޭނުންވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ވުންކަމަށެވެ. އަދި މިމައްސަލަޔަކީ އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާއިރު، ޚިޔާނާތުގެ ކަންކަން ހިގައިދިޔަ ގޮތާއި، މިކަން ކޮށްފައިވާގޮތް ރާއްޖޭގެ ރައްޔިތުންނަށް ފެންނާނޭގޮތަކަށް ޝަރީއަތް ކުރިއަށް ގެންދުމަށް އަދީބް ބޭނުންފުޅުވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން އަދި ކްރިމިނަލް ކޯޓަކުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
އަދީބުގެ ޝަރީއަތް ޓީވީން ލައިވް ކުރުމަށް އޭނާ އެދުނުއިރު ކްރިމިނަލް ކޯޓުން އަންނަނީ މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ޓީވީއިން ލައިވް ކުރަމުންނެވެ. އެ މައްސަލައިގެ ހުކުމް އަންނަ މަހު ފަހެއްގައި އޮންނާނެއެވެ.