Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ފޮނަދޫ އާބާދީގައި ރަޖިސްޓްރީވެގެން 3000ރުފިޔާގެ އިނާމެއް

ލ. ފޮނަދޫގެ އާބާދީގައި ރަޖިސްޓްރީވެގެން 3000 ރުފިޔާގެ އިނާމެއް ދޭނެ އުސޫލެއް އެރަށުގެ ކައުންސިލުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ފޮނަދޫގެ ކައުންސިލްގެ ފޭސްބުކްޕޭޖްގައި ޝާއިއުކުރި ލިޔުމެއްގައި ބުނީ އެ ފުރުސަތު ހުޅުވާލައިފައިވަނީ އެރަށުގެ އާބާދީގައި ރަޖިސްޓްރީނުވެ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މިއަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރިއަކު ހޮވައި ފަސް މީހަކަށް 3000 ރުފިޔާގެ އިނާމެއް ދޭނެކަމަށް ކައުންސިލްއިން ބުންޏެވެ.

ފޮނަދޫގެ އާބާދީގައި މިހާރު ތިބެނީ 2870 މީހުންނެވެ.

މީގެ ކުރިން ފޮނަދޫއާ އެއްފަޅުގައި އޮންނަ ގާދޫގެ މީހުން ފޮނަދޫއަށް ބަދަލުވެސް ކޮށްފައިވެ އެވެ. ގާދޫ މީހުން ފޮނަދޫއަށް ބަދަލުކޮށް ނިންމީ 2016 ވަނަ އަހަރު އެވެ.