ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެެރުނު ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން އެ ކޮމިޝަންގެ ޖަލްސާގައި މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންނާއި އެކަމާ ގުޅޭ ހެކިތައް އެ ކޮމިޝަނަށް ހޯދަން ކަމާބެހޭ ފަރާތްތަކުގައި އެދުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގައި އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ އޮޑިޓު ރިޕޯޓުގައި ހުރި ކަންކަމާއި ގުޅޭ ގޮތުން ޕީޖީ ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި އެކަމަނާ ވަނީ ރައްޔިތުން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި އަދި މި ސަރުކާރަށް ނިސްބަތްވާ ވަޒީރުންގެ އިތުރުން ފަނޑިޔާރުންވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވެމުންދާ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.