ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، ފަނޑިޔާރު ކަމުން ރާޣިބު ވަކިކޮށްދިނުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
ފަނޑިޔާރު ކަމުން ރާޣިބު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލަ ބެއްލެވުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީން އެ މައްސަލަ ރާޣިބުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމުމުންނެވެ.
ޖޭއެސްސީން މީގެކުރިން ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގުކުރި ގާޒީ ރާގިބުގެ މައްސަލަ ބަލަމުން ދަނިކޮށް ޖިނާއީ މައްސަލަތަކެއްވެސް ފެނިފައިވުމުން އެކަންކަން ބަލާ ތަހުގީގު ކުރުމަށް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.