އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ މާދަމާ ރޭ މާލޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ނުރައްކާތެރި ރިޕޯޓެއް ކަމަށާއި އެކަމުގައި ހުރި ކަންކަން އެކި ގޮތް ގޮތަށް ހާމަ ކޮށްދިނުމަށް މަސައްކަތް ކޮށްދެވިއްޖެ ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން ރައްޔިތުން އަޑު އަހާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީއެން އުވާލަންދެން ސަރުކާރަށް ޕްރެޝަރު ކުރުމުގައި އިދިކޮޅު ދެމި އޮންނާނެ އެވެ. އަދި މާދަމާ ރޭ ޕީޕީއެމް އޮފީސް ކުރިމަތީ އެމްޑީއެން އުވާލުމަށް ގޮވާލާ އިހުތިޖާޖު ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އިހުތިޖާޖުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.
އެމްޑީއެން އުވާލުމާއި ގުޅޭ ގޮތުން މާދަމާ ރޭ އިހުތިޖާޖު ކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވާއިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިހާރުވެސް އަންނަނީ އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށް ގޮވާލާ އިޖުތިޖާޖުތައް ބާއްވަމުންނެވެ.