ދައުލަތުން ނަގާފައިވާ ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް 954.7 މިލިއަން ރުފިޔާ ލޯނުތަކަށް ވަނީ ދައްކާފައެވެ. ލޯނު ދެއްކުމަށް ބަޖެޓު ކޮށްފައިވަނީ 2،887.9 ބިލިއަން ރުފިޔާއެވެ.
އެމްއެމްއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ދަރަނި މިހާރު ވަނީ 50.9 ބިލިއަނަށް އަރާފައެވެ. ދަރަނީ ބޮޑު ބައެއް ހިއްސާ ކުރަނީ އެތެރޭގެ ދަރަނިތަކަށެވެ. އެތެރޭގެ ދަރަނި އުޅެނީ 29.7 ބިލިއަން ރުފިޔާގައެވެ.
ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.
މި ސަރުކާރު އައިފަހުން ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ލޯނުގެ މިންވަރަކީ 733.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި އުޅެނީ 18 ބިލިއަނުގައެވެ.