Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްޑީއެން އުވާލަން އިދިކޮޅުން ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފި

އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސްބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ އުވާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ ކޯލިޝަނުން އެމްޑީއެން އުވާލަން ހުށަހެޅިއިރު ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ ސަސްޕެންޑުވެސް ކޮށްފައެވެ.

ޔޫތު މިނިސްޓްރީއަށް އެމްޑީއެން އުވާލުމަށް ސިޓީ ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މީގެކުރިން އެމްޑީއެންގައި މަސައްކަތްކުރި ބޭފުޅެއް ކަމަށް ވާހަކަތައް ފެތުރުމުން އެއީ ދޮގެއް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓުން ސީޕީ ހަމީދު "ކުޑަ ދުވަސްކޮޅަކަށް" އެމްޑީއެންގައި މަސައްކަތް ކުރެއްވި ކަމަށް ބުނެ ޓްވީޓު ކޮށްފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"މިކަމުގެ ތަފްސީލް މިކަމުގެ ހަގީގަތް ދިވެހި ރައްޔިތުން ބޭނުންވޭ. މިއަދު އެމްޑީއެން ނަމުގައި ޖަމާއަތެއް ރާއްޖެ އައިސް މިތަނުގައި އޮތް ދީން ފުހެލުމަށްޓަކައި މަސައްކަތް ކުރާތަން މި ފެންނަނީ. ރާވައިގެ އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާތަން މި ފެންނަނީ. މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުން އަދި އަޅުގަނޑުމެން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެން މައްސަލަ ތަހުގީގު ކުރުމަށާއި އެކަން ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނަގަމުން މި އަންނަ މުއްދަތަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ މުއްދަތެއް ނޫން ކަމަށެވެ.

"މިކަމުގައި ތަހުގީގު ކުރާނެ އެއްޗެއް ނެތް. އެމްޑީއެންގެ މި ކޭސްގައި އިތުރަށް ތަހުގީގު ކުރާނެ އެއްޗެއް ނެތް. މިހާރުން މިހާރަށް އެމްޑީއެން އުވާލާ އެމްޑީއެންގައި ހަރަކާތްތެރިވާ މީހުން މިއަދު ސަރުކާރުގެ ބޮޑެތި ވަޒީފާތަކުގައި ތިބި މީހުން ވަގުތުން ވަގުތަށް މިހާރުން މިހާރަށް ކަނޑާލެވެން ޖެހޭނެ، ފިޔަވަޅު އެޅެން ޖެހޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވިއިރު މިރޭ އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފައެވެ.