މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އަކީ ލާދީނީ "ބައިގަނޑެއް" ކަމަށާއި އެ ޖަމިއްޔާ ދިފާއު ކުރުމަށް މަސައްކަތް ކުރާނީ ލާދީނީ "ބައިގަނޑެއް" ކަމަށް ވިދާޅުވި މި ސަރުކާރުން އެމްޑީއެން މައްސަލާގައި އަމަލު ކުރަމުން ގެންދާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީއެން އުވާލާ، އެ ޖަމިއްޔާއިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންއަކީ އުވާލަންވެސް ޖެހޭ ބައެއް ނޫން ކަމަށާއި އެފަދަ ޖަމިއްޔާތައް ޖެހޭނީ ފުނޑާލަން ކަމަށެވެ. އެފަދަ ޖަމިއްޔާއަކަށް ދިވެހި ފަސްގަނޑުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
އެމްޑީއެންއަކީ ލާދިނީ ވިސްނުގައި އެ ފިކުރުގައި ތިބި ބައެއް ކަމަށެވެ. އަދި މިއަދު ސަރުކާރުގެ އިސް މަގާމުތަކަށް އެމްޑީއެންގެ މީހުން އައްޔަން ކުރަމުން ގެންދަނީ އެ ފިކުރު ދަމަހައްޓަން ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ފިކުރު ދަމަހައްޓަން ބޭނުންވާތީ ނޫންތޯ ދައުލަތުގެ މަގާމުތަކަށް އެ މީހުން މި ގެންނަނީ، އެހެންވެ ނޫންތޯ މި ނޫން ބަޔަކު ރައީސް އޮފީހަށް ވައްދަން ރައިސުލްޖުމްހޫރިއްޔާއަށް ކަމު ނުދަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި ކުރަންޖެހޭ އިތުރު އެއްވެސް ތަހުގީގެއް ނެތް ކަމަށެވެ. އެ ރިޕޯޓުގައި ހުރިހާ އެއްޗެއް ހާމައަށް ފެންނަން އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެ ޖަމިއްޔާގައި އުޅުނު މީހުންނާއި އެ ޖަމިއްޔާ އުފެއްދުމުގައި އުޅުނު މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ކަމަށެވެ. އެފަދަ ބަޔަކު އެ މަގާމުތަކުގައި ތިއްބަވައިގެން ހިންގޭނީ ކޮން ތަހުގީގެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.
"އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ސިކުޑިއަށް ލާދީނީ ފިކުރު ވިސްނޭ ވަރަށް އެކަން އެ ކުރަނީ. އަޅުގަނޑުމެން ސިޓީ ފޮނުވައިފިން އަޅުގަނޑުމެން ބޭނުމޭ އެ މުގައްރަރުތަކަށް ގެންނަ ބަދަލު ބަލަން. އަޅުގަނޑުމެން އެ މުގައްރަރުތަކަށް ޖާގަ ނުދޭނަން، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ސިކުނޑިތައް ތަގައްޔަރު ކުރަން. އަޅުގަނޑުމެންގެ ތުއްތު ދަރިންގެ މުގައްރަރު ތަކުން މި ލާދީނީ ފިކުރަށް ޖާގަ ނުދެއްވާ. އަޅުގަމެން މަދަރުސާތައް ބޮއިކޮޓުކުރަން ވެއްޖެނަމަ، މަދަރުސާތައްވެސް ބޮއިކޮޓްކުރަން ތައްޔާރުވާން ވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އެމްޑީއެންގެ މައްސަލައަށް މަހެއް ވެގެންދާއިރު އެކަމުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ސަރުކާރު އަޅާފައި ނުވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.