Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިޔާނާތުގެ ފައިސާ ކުރީގެ ސީޕީއަކާއި ޑީސީޕީއަކަށް ލިބުން: ފުލުހުން

Police

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ފުލުހުންގެ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އެ މުއައްސަސާގެ ވަޒީފާގައި ތިބި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯދާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އޭގެތެރޭގައި މީގައި އެބަ ހިމެނޭ ކުރީގައި ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރި ކޮމިޝަނަރު އޮފް ޕޮލިސްއަކާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަކާއި. ވަރަށް ގިނަ އަދަދަކަށް ތަކުރާރުކޮށް ފައިސާ ނަގާފައިވާކަން ފާހަގަކުރެވޭ. މި މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ޕޮލިސް ސާވިސްގައި އެކި ރޭންކުތަކުގައި ތިބި ފަރާތްތައް ހިމެނޭ ގޮތުން ޖިނާއީ ތަހުގީގެއްވެސް އަޅުގަނޑުމެން ހިންގާނަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދިޔައިރު ސަލާމަތީ ބާރުތަކުގެ ހަތް އޮފިސަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށްވެސް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި މިހާރު ކޯޓުތަކުގައި ތިއްބެވި 8 ފަނޑިޔާރަކާއި ކުރިން މިނިވަން މުއައްސަސާތަކުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެކި ބޭނުންތަކަށް އެކި ފަހަރުމަތިން މި ފައިސާ ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.