Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިދިކޮޅަށް ހިތްވަރު ލިބޭގޮތަށް ހިޔާލުފާޅު ނުކުރަން އެމްޑީޕީ މެންބަރުންނަށް އަންގައިފި

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅު ނުކުރުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ޕާޓީގެ މެންބަރުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުންނަށް އިލްތިމާސްކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ގައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މިގޮތަށް ގޮވާލާފައި މިވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ބައެއް އާއްމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އެކަމާއި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ހަމައެއާއެކު މިކަމާއި ގުޅިގެން ގިނަ ކައުންސިލްތަކުން އަންނަނީ އެ ޖަމިއްޔާގެ އެ ރިޕޯޓު ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.