Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިމިގްރޭޝަނުން ބުނީ އިރްފާން ރާއްޖެ ނާންނަ ކަމަށް: މަރު ކޮމިޝަން

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭ ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިފްރާން ހޯދަން އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ. އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިރްފާން ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ. އެހެންކަމުން މަރު ކޮމިޝަނުން ވަނީ އިރުފާން ހޯދައި ދިނުމަށް އާއްމުންގެ ކިބައިން އެދިފައެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.