ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްބުނެ ފުލުހުން ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މުހައްމަދު އަމީނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ އަމީނުގެ ބަންދަށް 15 ދުވަސް ޖަހާދީފައެވެ. ބުދަ ދުވަހުގެ ރޭ ފުލުހުން އަމީން ހައްޔަރުކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ނަމަވެސް މިހާތަނަށްވެސް ހައްޔަރުކުރީ އަމީނު ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި މީޑިއާތަކުގައި އެއީ އަމީނުކަން ބުނެފައިވާއިރު ފުލުހުން އެކަން ދޮގު ކޮށްފައެއްވެސް ނުވެއެވެ. ފުލުހުން ބުނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.
އަމީނަކީ މެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައިވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.
އެމެރިކާއިން ބުނީ އޭނާއަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމުގައިވެސް މީގެކުރިން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް މިހާރު މީހުން ހަނގުރާމައަށް ފޮނުވަނީ އަފްގާނިސްތާނަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ އައިސިސްގެ އިރާގު ގޮފި ކަމަށްވާ (އައިސިސް – ކޭ)އަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެއް ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
އެމެރިކާއިން އިތުރަށް ބުނެފައިވަނީ އަމީންއާ އޭނާގެ ބައިވެރިން ވެގެން މިދިޔަ އޭޕްރީލް މަހާއި ހަމައަށްވެސް އައިސިސްއަށް މީހުން ހޯދުމަށް ވަރަށް ހަރަކާތްތެރިކަމާއި އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އައިސިސްއަށް މީހުން ހޯދުމަށް ހަފްތާއަކު 10 ބައްދަލުވުމެއް ބާއްވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އަދި އޭނާ އެފަދަ ބައްދަލުވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ކަމަށާއި ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާ ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން ބުނީ އަމީންއާ އޭނާގެ ބައިވެރިން ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މީހުން އައިސިސްއަށް ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
މި ލިސްޓަކީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ހަދަން ފެށި ލިސްޓެކެވެ.