ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާނަމަ މަގާމުތަކުގައި ތިބެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރުގެ ސިޔާސަތު ދިފާއު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެކަން ކުރަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުގެ ހަތް ބޭފުޅަކަށް ލިބިވަޑައިގެންނެވި ކަމަށް އިއްޔެ ފުލުހުން ބުނެފައި ވަނިކޮށެވެ.
އެމްއެމްޕީއާރްސީގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ، ކުރިއާއި މިހާރުގެ ސަރުކާރުގެ ބޭފުޅުންނާއި، ކުރިއާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނަށްވެސް ލިބިފައިވާ ކަމަށެވެ.
މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. މީގެއިތުރުން 18ވަނަ ރައްޔިތުން މަޖިލީހުގެ 44 މެންބަރަކަށް އެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.