Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ދުލަށް މޮހޮރު ޖެހިޔަސް އެމްޑީއެންއާ ދެކޮޅު މަސައްކަތް ނުހުއްޓުވޭނެ

ދުލަށް މޮހޮރު ޖެހިޔަސް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް ފަށާފައިވާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ޝައިހް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީއެން އުވާލަން ގިނަ ބަޔަކު ސަރުކާރަށް ގޮވާލަމުން އަންނައިރު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި މިކަމުގައި ދެން އެންމެ އިސްކޮށް އުޅުއްވާ ޝައިހް އަލީ ޒައިދު ހައްޔަރުކުރިއަސް އަދި ދުލަށް މޮހޮރު ޖެހިޔަސް ގެއަށް ވަންނާނީ އެމްޑީއެންއާ ދެކޮޅަށް ފަށާފައިވާ މަސައްކަތް ނިންމާފައި ކަމަށެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން މިހާރު ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލަން ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އިތުރު ފިޔަވަޅެއް އެ ޖަމިއްޔާއާ މެދު އަޅާނީ ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓު ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.