Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހައްޔަރުކުރިއަސް ދީނާއި ރަސޫލާއަށް އޮތް ލޯތްބެއް ބަދަލެއް ނުވާނެ: އަދުރޭ

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސްބުނެ ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުކުރި ނަމަވެސް ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ދެއްވާފައިވާ ގަދަރަށް ބަދަލު ނުގެނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ޓޭޕް ވެސް އެޅިދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އޮފީސްވެސް ބަންދު ކުރެވިދާނެ ކަމަށާއި ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް މުސްލިމް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އޮތް ގަރަދާއި ލޯބި ބަދަލު ނުކުރެވޭނެ ކަމަށެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވިއިރު ފުލުހުން ޕީޕީއެމް އޮފީސް ދޮރުމަތީގައި ޓޭޕް ދަމާފައިވާ ސަބަބެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ޓޭޕް ދަމާފައިވަނީ އެ ކޯލިޝަނުން އެމްޑީއެންއާ ދެކޮޅަށް އިހުތިޖާޖު ކުރި ރެއަށްފަހުއެވެ.