މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކުރާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްއަކީ ހުސައިން ވަހީދުކަމާއި އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްއަކީ ހަސަން ހަބީބުކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސައިން ވަހީދަކީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި ހަބީބަކީވެސް އަދީބާއި ގާތް ގުޅުމެއް ބާއްވާފައިވާ ބޭފުޅެކެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ރައީސް ޔާމީންގެ ސަރުކާރުގައި ވަކި ކުރެއްވިއެވެ. އެއީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހުއެވެ. އެ ހާދިސާގައި ހަބީބުވެސް މަގާމުން ވަކި ކުރައްވިއެވެ. އަދި ފަހުން އެ ދެބޭފުުޅުންވެސް ހައުސިން މިނިސްޓްރީއަށް ބަދަލުކުރިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެންދެން އެ ދެބޭފުޅުންވެސް ހުންނެވީ ހައުސިން މިނިސްޓްރީގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އެ މުއައްސަސާގެ ވަޒީފާގައި ތިބި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯދާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.
"އޭގެތެރޭގައި މީގައި އެބަ ހިމެނޭ ކުރީގައި ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރި ކޮމިޝަނަރު އޮފް ޕޮލިސްއަކާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަކާއި. ވަރަށް ގިނަ އަދަދަކަށް ތަކުރާރުކޮށް ފައިސާ ނަގާފައިވާކަން ފާހަގަކުރެވޭ. މި މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ޕޮލިސް ސާވިސސްގައި އެކި ރޭންކުތަކުގައި ތިބި ފަރާތްތައް ހިމެނޭ ގޮތުން ޖިނާއީ ތަހުގީގެއްވެސް އަޅުގަނޑުމެން ހިންގާނަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދިޔައިރު ސަލާމަތީ ބާރުތަކުގެ ހަތް އޮފިސަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.