ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ބޭރުގައި ނޫޅުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުމުން ނެރުނު ކުރު ނޯޓެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާ މެދުގައި ހާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިންމު ކަމުގައި އެ ގުޅުމުން ދެކެއެވެ.
އިލްމުވެރިންގެ ގުޅުމުން ވަނީ އިލްމުވެރިން ހަތް ކަމަކަށް ސަމާލުވުމަށް އިލްތިމާކޮސްފައެވެ. އެގޮތުން:
• ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ މަގުމައްޗަށް ނިކުމެ ނުހެއްދެވުން.
• ހާއްސަކޮށް ރޭގަނޑުގެ ދަން ވަގުތުތަކުގައި ނިނިކުންނެވުން. ދަން ގަޑިތަކުގައި ބޭރަށް ދުރުވާނަމަ އެކަނި ބޭރަށް ވަޑައިނުގަތުން.
• އެއްވެސް ކަހަލަ ގޮތަކުން ކިތަންމެ ކުޑަ ހާނީއްކައެއް ލިބިއްޖެ ނަމަވެސް އެކަމާ އިހުމާލުވެ ވަޑައިނުގެން، ވަގުތުން އަވަސް ފަރުވާ ހޯއްދެވުން.
• އަމިއްލަ ކާރުކޮޅު ނުވަތަ ސައިކަލުކޮޅު ޕާކުކޮށްފައި ހުއްޓައި ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަވެއްޖެ ނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުން.
• "އެއްވެސް ބާވަތެއްގެ" ޝައްކެއް އުފެދޭ ފަދަ ކަމެއް ފާހަގަ ވާނަމަ ކަމާބެހޭ ފަރާތްތަކުގެ ލަސްނުކޮށް ސަމާލުކަމަށް ގެންނެވުން.
• ބޭނުންވެއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަތުން.
• ހެނދުނާއި ހަވީރުގެ ދުއާތައް ކިޔުމުގައި އިތުރަށް ފަރުވާތެރިވުން.
އިލްމުވެރިންގެ ގުޅުމުން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކާއި ދެކޮޅަށް އިލްމުވެރިންވެސް ހިމެނޭ ގޮތަށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.