ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖަމްޢިއްޔާތަކުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބިލެއް ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށް، ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށްދިނުމާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޖަމްޢިއްޔާތައް ހިންގަމުންދޭތޯ ބަލައި، ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރުމާއި، އެ ނޫންވެސް ޖަމްޢިއްޔާތައް ހިންގުމާ ގުޅޭ ކަންކަން ކަނޑައަޅައި ބަޔާންކުރުމެވެ.
މި ބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި، ހިންގުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުތަކަށް އައު ބަދަލުތަކެއް ހުށަހަޅާފައިވާނެއެވެ. އެގޮތުން:
1- ދިވެހިރާއްޖޭގައި ހިންގަން ބޭނުންވާ އެއްވެސް ބާވަތެއްގެ ޖަމްޢިއްޔާއެއް ހިންގޭނީ މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ކަމާއި، އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތައްވެސް މި ބިލު ޤާނޫނަކަށް ވުމާއެކު މި ޤާނޫނުގެ ދަށަށް ބަދަލުވެގެން ދިޔުން؛
2- ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭ އުސޫލުތައް އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭގޮތުން ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިންކަން؛
3- ދެ ޖަމްޢިއްޔާއެއް އެއްކޮށްލާނަމަ ޢަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކުރުން؛
4- ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ދިވެހިރާއްޖޭގައި ޙަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، ޢަމަލުކުރަންވީ އުސޫލުތައް ބަޔާންކުރުން؛
5- ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމުގެ ޒިންމާ ޙަވާލުވެފައިވާ ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ ޝަރުޠުތަކާއި، މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ އިތުރުން، ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުން؛
6- ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ޖަމްޢިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، މި ޤާނޫނުގައި މަނާކަމެއްކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްޢިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ދިނުން.
މީގެ އިތުރުން، ޖަމްޢިޔާތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުޢާމަލާތް ހިންގުމާއި، ޖަމްޢިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވާނެއެެވެ.
މިބިލު ފާސްވެ އަމަލުކުރަން ފެށުމުން 2003ވަނަ އަހަރު ފާސްކޮށް މިހާރު އަމަލު ކުރަމުން އަންނަ ޖަމިއްޔާތަކުގެ ގާނޫނު އުވިގެން ދާނެއެވެ.