Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިންކަމް ޓެކްސް ބިލު ވައުދާއި ހިލާފު: އެމްޑީޕީ މެންބަރުން

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް -- ފޮޓޯ / މަޖިލިސް

އިންކަމް ޓެކްސް ނެގުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެމްޑީޕީން އެކަން ކުރުމަށް ވައުދުވި ގޮތާއި ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ އެމްޑީޕީ މެންބަރުންގެ މައިގަނޑު ޝަކުވާއަކީ އަދި ކަންބޮޑުވުމަކީވެސް އެ ބިލުގައި އިންކަމް ޓެކްސް ނަގާނެ ކަމަށް ބަޔާންކޮށްފައިވާ އަދަދުތަކެވެ. ހާއްސަކޮށް އެ ޓެކްސް ނެގުމަށް ފަށާނެ ކަމަށް ބުނެފައިވާ 40،000 ރުފިޔާއިން މަތީގެ އާމްދަނީގެ އަދަދަކީ އެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވާ އަދަދެވެ.

ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމްޑީޕީން ވައުދުވީ 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް ކަމަށެވެ. އަދި އެއަށްވުރެ އިތުރުވާ ކަމަށްވާނަމަ އިތުރުވާ އެއްޗަކުން 3.5 ޕަސެންޓު ނެގުމަކީ އެޕާޓީން ރައްޔިތުންގާތު ވައުދުވި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވަނީ ކޮމެޓީ މަރުހަލާގައި އެކަމަށް ރަނގަޅު ހެޔޮ ބަދަލެއް ގެނެސް ދިނުމަށް އެދިލައްވާފައެވެ.

ހަމައެއާއެކު ބިލުގައި ޑިވިޑެންޓުން ޓެކްސް ނެގުމަށް ބަޔާންކޮށްފައި އޮތުމުންެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޓެކްސް ނެގުމަކީ ގައުމުގައި ތިބި ވިޔަފާރިވެރިން ދަރަނިވެރި ކުރުވުން ނޫން ކަމަށެވެ. އަދި އެމީހުންގެ ގެދޮރާއި ބިންތައް ވިއްކާ ހިސާބަށްވެސް ދިއުން ނޫން ކަމަށެވެ.
އެހެންވިމާ އަޅުގަނޑު ބާރުލާފައި ދަަންނަވަން ޑިވިޑެންޓުން ޓެކްސް ނެގުމަކީ މިހާރަށް ކުރަންވާވަރު ކަމެއް ނޫނޭ ޑިވިޑެންޑަކީ ޓެކްސް ދައްކާފައި ކުންފުނިންދޭ އެއްޗެއް،" އަނދުން ހުސެން ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އިންކަމް ޓެކްސް އިން ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނުނެގުން ކަމަށެވެ. އޭނާ ވިދާޅުވީ އުވާލާ ޓެކްސްގެ ތެރޭގައި އަޅުގަނޑު ބޭނުން މުވާސަލާތީ ހިދުމަތްތަކުން ނަގާ ޓެކްސް އާއި ދަތުރުފަތުރުން ނަގާ ޓެކްސް ކުޑަކުރަން ނުވަތަ އުވާލަން ބޭނުންވާ ކަމަށާއި އޭރުން ރައްޔިތުންނަށް ހަގީގީ އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެން މުހައްމަދު ދީދީ ވެސް ވިދާޅުވީ ބިލަކީ އެމްޑީޕީން ވައުދުވި ގޮތާއި ހިލާފު ބިލެއް ކަމަށެވެ. އަދި ބިލުގައި 40،000ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާވެސް ވަނީ ކޮމެޓީ މަރުހަލާގައި ރަނގަޅަށް ބިލު ދިރާސާ ކުރުމަށް އެދިފައެވެ.

އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެެ ގޮތުގައި 8 ޕަސެންޓު ނެގުމަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް

އާމްދަނީ 40،000 – 0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
އާމްދަނީ 60،000 – 40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
އާމްދަނީ 100،000 – 60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.