ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފަތުހުﷲ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ނިންމީ 82 ވޯޓުންނެވެ. އަސްމާ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ނިންމީ 81 ވޯޓުންނެވެ.
މި ދެ ބޭފުޅުން އައްޔަން ކުރަން މަޖިލީހުން ނިންމިއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮތް އެމްޑީޕީގެ ތާއީދު އޮތީވެސް މި ދެ ބޭފުޅުންނަށެވެ.
ކޮމިޝަނާ އަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމުގެ ގޮތުން ހަ ނަމެއް މަޖިލީހަށް ފޮނުއްވާފައިވެއެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފާއި، އަހުމަދު ވާފިރާއި އަހުމަދު އަގީލްއެވެ.
މީރާގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ޖެހުނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.
މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.