ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިތާގެ މެމްބަރު މުހައްމަދު އަސްލަމު ހުށަހެޅުއްވި މި ބިލު ބަލައިގަތީ 82 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާ ކުރަން ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަކަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް މި އިޞްލާޙުގައި ހިމެނެއެވެ.
މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށްވެސް ޤާނޫނަށް ގެނައި އިޞްލާހު ތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
ޤާނޫނަށް ގެންނަ އިޞްލާޙުގައި ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ އެންމެހާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ހިމަނާފައިވެއެވެ.
މި އިޞްލާޙުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިޞްލާޙުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިޞްލާހުގައި ހިމެނެއެވެ.