Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އޮޑިޓު އޮފީހަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުން ފާސްކޮށްފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން --

އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްވީ 82 މެންބަރުންގެ ވޯޓުންނެވެ. 2019ވަނަ އަހަރަށް މަޖިލީހުން އޮޑިޓު އޮފީހަށް ފާސްކޮށްދީފައިވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރު މަޖިލީހުން ވަނީ އެ އަދަދު 4 މިލިއަނަށް އިތުރު ކޮށްދީފައެވެ.

އަންނަ އަހަރަށް އޮޑިޓު އޮފީހުން އޮޑިޓަރ ޖެނެރަލްގެ މުސާރައާ އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 795،000 ރުފިޔާ ކަނޑައަޅާފައިވާއިރު މުވައްޒަފުންގެ މުސާރައާ އެހެނިހެން އިނާޔަތްކަށް 43.98 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ހަރަދުތައް:

• ޕެންޝަން ފައިސާއަށް – 1.25 މިލިއަން ރުފިޔާ
• މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން – 1.74 މިލިއަން ރުފިޔާ
• ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު – 4.89 މިލިއަން ރުފިޔާ

އޮޑިޓު އޮފީހުގެ ބަޖެޓު މަޖިލީހުން ކޮށްދީފައިވާއިރު އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާނެ ބަޖެޓަކީ40 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން މިއަދު ވަނީ ހާމަވެފައެވެ. ގާނޫނު އަސާސީ ބުނާ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓަކީ ވަކިން މަޖިލީހުން ފާސްކުރަންޖެހޭ ބަޖެޓެކެވެ.