Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބަދަލު ހޯދަން ނާޒިމް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން ހައިކޯޓަށް

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމް: ފޮޓޯ / ވީނިއުސް

ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ދިއްގަރު ދާއިރާގެ މަޖިލީހުގެ ގޮނޑި ގެއްލި، އެކަމުގައި ލިބުނު ގެއްލުން ހޯދުމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރ އަޙްމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ވަނީ ފަށާފައެވެ.

ނާޒިމް 25 އަހަރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައެވެ. ނަމަވެސް މިދިޔަ ޑިސެމްބަރ މަހުގެ 13ވަނަ ދުވަހު ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ޙުކުމް އަލުން ރިވިއުކޮށް، ކުރިން ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ސިވިލް ކޯޓަށް ނާޒިމް މައްސަލަ ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށެވެ. ނާޒިމް މި މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލައަކީ ގަޟައީ ނިންމުމެއްގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި ގަޟައީ ނިންމުންތަކަކީ އިދާރީ ނިންމުންތަކެއް ނޫން ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގެ ރަޖިސްޓްރާ އޭރު ނިންމާފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނޯންނަ ކަމަށެވެ.

ސިވިލް ކޯޓުގެ އިސްޤާޒީ ޢަބްދުﷲ ޢަލީ ނިންމި ނިންމުގައި އޭރު ބުނެފައިވަނީ ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމި ގޮތް ރަނގަޅު ކަމަށެވެ. އަދި އެ މައްސަލަ އެނޫން ގޮތަކަށް ބެލޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ނެތްކަމަށް ކަނޑައަޅައި ރަޖިސްޓްރާގެ ނިންމުމަށް ޤާޒީ ވަނީ ތާޢީދުކޮށްފައެވެ.