ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، ވަކިކޮށްލެވޭ ވަރަށްވުރެ، އީމާންތެރިކަން މާ ވަރުގަދަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުންކަމުގައިވާ، މާތްވެގެންވާ އިސްލާމް ދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ (مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ކުޑައިމީސްވާ ގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައި އެފަދަ ފަރާތްތަކުން ބުނަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން ދާކަމަށާ އަދި ދިވެހިންގެ ޒަމާންވީ އާދަކާދަ އާއި ޘަޤާފަތާ ބީރައްޓެހި ގޮތްތައް ޢާންމު ދިރިއުޅުމުގެ ތެރެއަށްވެސް އެފަރާތްތަކުން ވައްދަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދީނުގެ ދިފާއުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވުމާއި، އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރުންފަދަ ކަންކަމަށް އެންމެން އެއް އަޑަކުން، ނޫނެކޭ ބުނަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ (مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ. ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.މި ނޭދެވޭ ކަންކަން މީގެ އަހަރުތަކެއްގެ ކުރިން ފެށިފައިވާކަން ފާހަގަކުރައްވައި، މިކަންކަމާ ދެކޮޅަށް މިހާރު ޝުޢޫރު ފާޅުކުރައްވާ ބައެއް ސިޔާސީ ފަރާތްތަކަށް އެމަނިކުފާނު ވަނީ މެސެޖެއް ދެއްވާފައެވެ.
" އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު މިރޭ ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ހިތަށް އަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީ ބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެ ބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!" ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދިވެހި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. މިއީ ދިވެހި އެންމެންގެ ޤައުމު ކަމަށާއި މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.