Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބަދަލު ދިނުމުގައި ސަރުކާރަށް ލަފާދޭނެ އޮޑިޓު ފާމުތަކެއް ހޯދަނީ

ބަންޑާރަ ނާއިބު ރިފްއަތު --- ފޮޓޯ / ސަން

ދައުލަތާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ލަފާދޭނެ އޮޑިޓް ފާމްތަކެއް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ އިއުލާން ކޮށްފި އެވެ.

އޭޖީ އޮފީހުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، ތިން އޮޑިޓް ފާމެއް އައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ.

އެ މަސައްކަތާބެހޭ އިތުރު މަޢުލޫމާތު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އޮޑިޓް ފާމްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެ މަސައްކަތާއި ބެހޭ މައުލޫމާތު ސެޝަން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ވާހަކަ ކަމަށެވެ. އަދި އެ މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުގެ މެންދުރު 13:00 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.