ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ފިރިހެން ދަރިކަލުން ގައްސާން މައުމޫން ރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވިއިރު އަރިހުގައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ގައްސާންގެ ބޭބެ ފާރިސް މައުމޫން ހުންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާއްމުވެއްޖެއެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާއި ދެބޭފުޅުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުން ޕީޕީއެމްއިން ބޭރު ކުރެއްވުމަށްފަހު ފާރިސްއާ ގައްސާނާއި ދެބޭފުޅުން އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުން ޕާޓީން ބޭރު ކުރެއްވި ނަމަވެސް އޭރު ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މިހާރުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫންވެސް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭގެތެރެއިން ދުންޔާވެސް ވަރަށް ދުވަސް ވަންދެން ސަރުކާރުގައި ހުންނެވިއެވެ. ނަމަވެސް ގައްސާން މައުމޫން ފެނިވަޑައިގަތީ އެންމެންވެސް ހީކުރި ގޮތާއި ހިލާފަށް ބައްޕާފުޅާއި ބޭބެ އަދި ދައްތަގެ ނިންމުމާއި ދެކޮޅަށް ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގައި ހުންނެވި މަންޒަރެވެ.
ހާއްސަކޮށް ރައީސް މައުމޫނާއި ފާރިސް ޖަލަށް ލެއްވުމަށް ހުކުމް ކުރެއްވުމުން ގިނަބަޔަކު ހީކުރީ ގައްސާން ރައީސް ޔާމީންގެ ފަޅި ދޫކޮށް އޭރުގެ އިދިކޮޅާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެކަންވެސްވީ އެންމެންގެ ހީއާ ދިމާ އިދިކޮޅަށެވެ. އެހެންނަމަވެސް ގައްސާން ވަނީ އޭނާއާ އާއިލާ އެހެން ބޭފުޅުންނާއި އޮންނަ ގުޅުމަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް ވިދާޅުވެ ބުރޫ އަރައިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ގައްސާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ސީދާ ނޭނގުނު ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ހާޒިރު ކުރެއްވީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެންނެވެ.
ގައްސާން ފުލުހުންގެ މުއައްސަސާއަށް ހާޒިރުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ބޭބެ ފާރިސް މައުމޫންވެސް ހުއްޓެވެ. އެނގިފައިވާ ގޮތުގައި ގައްސާން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތީ ވެސް ފާރިސްއާ އެކުގައެވެ. ގައްސާން ފުލުހުންގެ އިދާރީއިން ނިކުމެވަޑައިގެންނެވިއިރު އެ އިދާރާގެ ބޭރުގައި ފާރިސްވެސް ހުއްޓެވެ. ގައްސާން ނޫސްވެރިންނާއި ވާހަކަދެއްކެވިއިރުވެސް އޭނާގެ އަރިހުގައި ބޭބެ ފާރިސް ހުއްޓެވެ.
މިކަމާއި ގުޅޭގޮތުން ގައްސާނާއި ފާރިސް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، 19ވަނަ ރައްޔިތުން މަޖިލީހުގެ 16 މެންބަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެންދިޔަ ކަމަށެވެ.