މި އަހަރުގެ ތިންވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުންނަމަ، މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ. މާލީ ހިސާބުތައް ދައްކާގޮތުން އެސްޓީއޯއަށް ތިން ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 2.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެކެވެ.
2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނުއިރު، ހަރަދުތައް ކެނޑުމުން އެސްޓީއޯއަށް 340 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިންގުމުގެ ހރަދު ކެނޑުމަށްފަހު އެކުންފުންޏަށް 151 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 112 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ.
ތިންވަނަ ކުއާޓާގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ މި އަހަރުގެ ތިން ކުއާޓަރއިން އެސްޓީއޯއަށް ލިބިފައިވާ ފައިދާ ވަނީ ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައެވެ.
އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހުކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.