ހައްޖު ކޯޕަރޭޝަނުގެ ފަރާތުންކުރާ ހައްޖާއި އުމްރާގެ ދަތުރުތަކުގައި ބައިވެރިވާ ފަންނީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ދަފްތަރު އެކުލަވާކުމަށްފަހު އެކޯޕަރޭޝަނުގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންކަމަށެވެ. އެގޮތުން މިހާރު ވަނީ އެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކައްކާއިންނަށް ޙައްޖު ދަތުރުތަކުގައި އިނާޔަތުގެ ގޮތުގައި 400 ޑޮލަރު އަދި ޢުމްރާ ދަތުރުތަކުގައި 200 ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އިމާމަކަށް ހައްޖު ދަތުރުތަކުގައި 200 ޑޮލަރު އަދި ޢުމްރާ ދަތުރުތަކުގައި 100 ޑޮލަރު އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ދަފްތަރުގައި ރަޖިސްޓަރީވާ މީހުންގެ ތެރެއިން ކައްކާއިން ވާންޖެހޭނީ ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެގޭ ފަރާތްތަކަށެވެ. އަދި ޙައްޖު ނުވަތަ ޢުމްރާ ދަތުރުގައި ކައްކާ ކާންދިނުމުގެ އެއް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކަށްވެސް ވާންޖެހެއެވެ. އިމާމުންގެ ފެވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައި ވާންޖެހެއެވެ. އަދި ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވެސް ވާންޖެހެއެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ.