ސ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް އެސްޓީއޯ ބޭސްފިހާރައިން ގެންދިޔަ އައިވީތަކެއް ބޭނުން ނުކޮށް ހޮސްޕިޓަލުން އަނބުރާ ފޮނުވާލައިފި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އައިވީ ފުޅިތައް ފޮނުވާލީ އެސްޓީއޯ ބޭސްފިހާރައިން ގެންދިޔަ އައިވީ ތަކެއްގައި ކުނި ހުރި ކަމަށް ބުނެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނެގެންނެވެ.
ހޮސްޕިޓަލުގެ އޮޕަރޭޝަން ރޫމަށް ގެންދިޔަ އައިވީތައް އަތުނުލާ އަނބުރާ ފޮނުވާލުމާއި ގުޅިގެން އެސްޓީއޯ ބޭސްފިހާރައިން ބުނީ ޑޮކްޓަރަކު ބުނެގެން އައިވީ ތައް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެގިފައިވަނީ ހޮސްޕިޓަލުގެ ޑޮކްޓަރަކު އެކަހަލަ ވާހަކައެއް ދައްކައިގެން އުޅޭ ކަމަށް. އެކަމަކު ހޮސްޕިޓަލުން ރަސްމީކޮށް ނެތް އެ މައްސަލަ ކަމާއި ބެހޭ ފަރާތަށް ރިޕޯޓް ކޮށްފައި. އަނެއް ކޮޅުން ހޮސްޕިޓަލަށް ޔަގީންކޮށް ނުބުނެވޭ އެއީ މި ބޭސް ފިހާރައިން ގެންދިޔަ އައިވީއެއް ކަމަށް" އެސްޓީއޯ ހިތަދޫ ބޭސްފިހާރައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަރުހުން ވަނީ އައިވީގެ ބެޗް ނަންބަރު ބެލުމަށްފަހު އެއައިވީ ނުނެގޭނެކަމަށް ބުނެފައެވެ. މި މައްސަލަ އާއި ގުޅިގެން ބަލިމީހާގެ އާއިލާއިން ހޮސްޕިޓަލުން "އެޕްރޫވް" ކުރާ އައިވީ އެއް ހޯދުމަށް ޖެހުނީ ހޮސްޕިޓަލް ސަރަހައްދުގެ އެހެން ބޭސް ފިހާރަކަށް ދުވާށެވެ. އަދި އެންމެ ފަހުން ޖެހުނީ ފައިސާދީފައި އައިވީ ގަންނާށެވެ.
އެސްޓީއޯ ބޭސްފިހާރައިން އާއްމުކޮށް "އާސަންދަ"އިން ލިބޭ ގިނަ ބޭސް ގަންނަން ޖެހޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެ ބޭސްފިހާރަ 24 ގަޑި އިރު ހިދްމަތް ނުދީގެން އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.