Last Updated: July 1, 04:05
Wednesday, July 1, 2026
ރިޕޯޓް

ރޯދަ މަސް ޖެހުނު އިރުވެސް ފްލެޓްތަކަށް ނުވަދެވިފައި!

ފޭދޫ ހައުސިން ޔުނިޓްތައް. ފޮޓޯ: އައްޑޫލައިވް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޭދޫގައި އިމާރާތް ކުރި 25 ފްލެޓަށް އެތައް ބަޔަކު އެދިގެން ތިބި އިރު ރޯދަމަސް ފެށުމުގެ ކުރިން އެތަން ތަނަށް މީހުން ވަންނާނެކަމަށް ތަކުރާރުކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވީ ނަމަވެސް އަދިވެސް އެއިން ތަނަކަށް އެއްވެސް މީހަކަށް ވަދެވިފައި ނުވެއެވެ.

16 ފަރާތެއް ގުރުއަތަކާއި ނުލައި ފްލެޓް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ އިއްލާންކޮށްފައެވެ. ނަމަވެސް ރޯދަ މަސް ފެށެން އެއް ދުވަހަށް ވެފައިވާ އިރު އަދިވެސް އެތަނަށް ވަދެވޭނެ އަލި މަގެއް ވަނީ ނުލިބިއެވެ.

ފްލެޓްތަކާއި ގުޅޭގޮތުން އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ ފްލެޓްތަކަށް ހުށަހެޅި މީހުނަށް މާކްސް ދީފައިވާ ގޮތާއި މެދުއެވެ. ފޭދޫ ދާއިރާގެ ކައުންސިލަރ އަހުމަދު މިރުޒާދު މޭއި މަހުގެ 27 ވަނަ ދުވަހު ބުނެފައިވަނީ ޖޫން މަސް ނިމުމުގެ ކުރިން މީހުން ފްލެޓްތަކަށް ވަންނާނެ ކަމަށެވެ. އަދި އެކަމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވިދާޅުވެފައިވަނީ ފޭދޫން ފްލެޓް ލިބޭ މީހުން ކަނޑައެޅި ރޯދަމަހުގެ ކުރިން އެމީސް މީހުން އެތަނަށް ވަންނާނެކަމަށެވެ.

ކްރަޕްޝަނަށް މަގުފައިވާ ގޮތަށް ޕޮއިންޓް ދިނުމާއި ގުޅިގެން ތަފާތު ފަހަރުމަތިން ހައުސިން މިނިސްޓްރީ އަށާއި އޭސީސީއަށް މައްސަލަ ހުށަހެޅިފައިވާ ފޭދޫ ފްލެޓްތަކުގެ ބޭނުން އެއްވެސް ބަޔަކަށް ނުކުރެވި އުޅެނިކޮށް އެތަން ތަން ވަނީ ވީރާނާ ވާން ފަށާފައެވެ.

ފްލެޓްތަކުގައި ބަހައްޓާފައި ހުރި ފެން ޕަމްޕް ތަކާއި ބައެއް ސާމާން ވަގަށް ގެންގޮސްފައިވާ އިރު ބައެއް ތަންތަން ހަލާކު ކޮށްލައިގެން އެތެރެއަށް ވަދެވެސް ވަނީ ގެއްލުން ދީފައެވެ.

339 ފަރާތެއް ފްލެޓްތަކަށް ކުރިމަތިލި އިރު އޭގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބުނު 16 ފަރާތެއް އޮޓެމެޓިކުން ހޮވިފައިވާ އިރު 79 ފަރާތެއް ވަނީ ގުރުއަތަށް ހޮވިފައެވެ.

ފޭދޫ ފްލެޓް ތަކާއި ގުޅޭގޮތުން މިހާރު ކުރިއަށްދާ މަސައްކަތާއި ބެހޭ މައުލޫމާތު ހޯދުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތުން ފޭދޫ ދާއިރާގެ ކައުންސިލަރު ފޯނު ނުނަންގަވާތީ ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފައެވެ. އަދި ފޭދޫ އަވަށު ބޯޑުގެ ރައީސް ޗުއްޓީގައި ހުންނެވުމުން އެބޭފުޅާއަށް އެއްވެސް މައުލޫމާތެއް ލިބިފަައި ނުވެއެވެ.

އިންފްރާ ސްޓަރަކްޗަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީ ވިދާޅުވީ އެމަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް ފަހު އިތުރު ތަފްސީލް ފަހުން ދޭނެ ކަމަށެވެ.