Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވެއްޖެ

ޗައިނާގެ ފަތުރުވެރިން ލަންކާގައި

މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 117,619 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ރާއްޖެ އައި 107,620 މީހުނާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރު އަދަދެކެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން މީހުން ވަނީ އައިސްފަ އެވެ. އެ އަަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައި އެއް މިލިއަން މީހުނާ އަޅާބަލާއިރު 15.8 ޕަސެންޓުގެ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ނެވެ. މިދިޔަމަހު ހަމައެކަނި ޗައިނާއިންވެސް ރާއްޖެއަށް 24,758 ފަތުރުވެރިން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން އައި މީހުންގެ ޖުމްލަ އަދަދަކީ 230,349 ފަތުރުވެރިން ނެވެ. ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ މީހުން އަންނަ އިންޑިއާއިން މިދިޔަ މަހު 11,265 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 5,244 މީހުންނާ އަޅާ ބަލާއިރު 114.8 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ޔޫރަޕުން އައި މީހުންގެ އަދަދު ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެ ގައުމުން މިދިޔަ މަހުގެ ނިޔަލަށް 594,657 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާނީ މި އަހަރުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.