Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ގައުމީ އެއާލައިނަށް 10.8 މިލިއަން ރުފިޔާގެ ގެއްލުމެއް!

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފި އެވެ.

ޕީސީބީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސްއަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. ޕީސީބީގެ ރިޕޯޓުގައިވާގޮތުން، އައިއޭއެސްއަށް ދެވަނަ ކުއާޓަރުގައި ލިބިފައިވާ ގެއްލުމަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއާ އަޅާބަލާ އިރު، 116 ޕަސެންޓް ދަށް އަދަދެކެވެ. އެއީ، 78.79 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސްއިން ވަނީ 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފަ އެވެ.

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުގައި، އައިއޭއެސްއަށް ގެއްލުންވާން ދިމާވި މައިގަނޑު ސަބަބަކީ ކުންފުނީގެ އާމްދަނީދަަށަށް ދިޔަ ނަމަވެސް ހަރަދުތައް މައްޗަށް ދިޔުމެވެ. އެގޮތުން އާމްދަނީ އިން 83.58 މިލިއަން ރުފިޔާ މަދުވި ނަމަވެސް، ހަރަދުތައް ވަނީ 142.03 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ހަރަދުތައް މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކުގެ ބައިން އެވެ. އެބައިގެ ހަރަދުތަކަށް 8.69 މިލިއަން ރުފިޔާ އިތުރުވެ، 100.29 މިލިއަން ރުފިޔާއަށް ވަނީ އެ ހަރަދުތައް ބޮޑުވެފަ އެވެ.

ޕީސީބީގެ ރިޕޯޓުގައި ފާހަގަކުރި ގޮތުން ކުންފުނީގެ ދެވަނަ ކުއާޓަރުގެ ވިޔަފާރި ބޮޑުތަނުން ދަށަށް ދިޔުމާ އެކު ކުންފުނީގެ ދަރަނި ވަނީ 73 މިލިއަން ރުފިޔާ އިތުރުވެ، 647.75 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ކުންފުންޏަށް އެކި ފަރާތްތަކުގެ އަތުން ލިބެން ހުރި ފައިސާގެ އަދަދުވެސް ވަނީ، 17 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އައިއޭސްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިންވަނީ ވިޔަފާރި ކުރުމަށް 300.62 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާމްދަނީގެ ގޮތުގައި، 541.52 މިލިއަން ރުފިޔާ ހޯދާފަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓާގައި އައިއޭސްއިން 319.98 މިލިއަން ރުފިޔާގެ ވިޔަފާރި ކުރި ނަމަވެސް، އާމްދަނީގެ ގޮތުގައި ލިބުނީ 457.94 މިލިއަން ރުފިޔާ އެވެ. އެއީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 83.58 މިލިއަން ރުފިޔާ ދަށްވުމެކެވެ. އޭގެ ސަބަބުން ކުންފުންޏަށް 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވި އެވެ.