Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުވި މައްސަލަތަކެއް ޖެންޑާއަށް!

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޑަކުދިން ލައްވައި ހަށި ވިއްކުވި މައްސަލަތަކެއް ހުށަހަޅައި ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ނަމަ، ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 251 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ. އަދި އޭގެތެރޭގައި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 3 މައްސަލައާއި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އޮގަސްޓު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 101 މައްސަލައެއް ވެއެވެ. އެހެންކަމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާއާއި އާއިލީ މައްސަލަތައް ރިޕޯޓު ކުރެވުނު މިންވަރު ވަނީ އިތުރުވެފައެވެ.

މިދިޔަ މަހު ރިޕޯޓުކޯށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިދިޔަ މަހު އެފަދަ 37 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީމަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 23 މައްސަލައެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ދެން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނިއްކައާއި ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 24 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައި ވެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ކުޑަކުދިންނަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކާއި ނަފްސާނީ ހާނީއްކައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަތަކާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ މައްސަލަވެސް ރިޕޯޓު ކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހު ހުށަހެޅުނު އާއިލީ މައްސަލަތަކަށް ބަލާއިރު އޮގަސްޓު މަހަށްވުރެ 12 މައްސަލަ ވަނީ އިތުރު ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 26 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ދިމާވާ މައްސަލަތަކާއި ކުދިންނާ ބައްދަލުނުކުރެވޭ މައްސަލަތަކާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ މައްސަލަތަކެވެ. މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.