Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ފަށައިފި

އެއާ އިޓާލީގެ ފްލައިޓެއް-

އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން "އެއާ އިޓަލީން" ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިނގ ޑިރެކްޓާ މޫސާ ޞާލިހާއި، އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލޭޓް އޭޖެންޓް ޖިއޯޖީނާ މަރާޒީ ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ އެއާބަސް މަރުކައިގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ މިލާނުގެ މަލްޕެންސާ އެއާޕޯޓުންނެވެ. މި ބޯޓުން އިޓަލީގެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިލާނުގެ މަލްޕެންސާ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު ތިން ދަތުރެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެއާ އިޓަލީގެ ދަތުރުތަކާއެކު އިޓަލީގެ ތިން އެއާލައިންއަކުން މިހާރު ރައްޖެއަށް ދަތުރުތައް ކުރާނެ އެވެ. އޭގެ ސަބަބުން އިޓަލީއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ އެވެ.