Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިނގިރޭސި އައު ސަފީރު ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ ޝާހިދުގެ އަރިހަށް، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި: ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑާ ކެރޮން ރޮސްލާ، ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު މި ބައްދަލުކުރެއްވުން އޮތީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އެރުވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމުންނާއި އަދި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމާއި ގުޅިގެން ސަފީރަށް މަރުޙަބާ ދަންނަވާފައެވެ.
ސަފީރު ރޮސްލަރގެ ދައުރުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިހާރުވެސް އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ޝާހިދާއި ސަފީރުއާއި ދެބޭފުޅުން ވަނީ ޓެރަރިޒަމް ހުއްޓުވުމާއި، އޭވިއޭޝަން ސެކިއުރިޓީއާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ރޮސްލަރ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދަށް ދެއްވިއެވެ. އަދި ގުޅުންތައް ބަދަހިކުރެއްވުމަށް ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ބެހޭ ގޮތުން ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި ޑިރެކްޓަރ ޝިއުނީން ރަޝީދެވެ.