ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމާއެކު ދިޔާނާ ސައީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު މަހާޒް އަލީގެ ނަމާއެކު ރައީސް ސާލިހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ، ކުރިން އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ބެހޭ އެތައް މަސައްކަތެއް ކުރެއްވި ދިޔާނާގެ ނަމެވެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގައި، މަހާޒަށް ވޯޓު ދޭން ތްރީލައިން ވިޕް ނެރުމާއެކު، ދިޔާނާއަށް އޮތް ފުރުސަތު ބަންދުވި އެވެ. އޭގެ ފަހުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން މަހާޒަށް ރުހުން ލިބިވަޑައިގަތެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އިހުތިރާމާއި ދެނެގަތުން ބޭއްވުމުގެ ނިޔަތުގައި މަހާޒަށް ފޯނުން ގުޅުއްވި ކަމަށެވެ. އޭނާ ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ އުއްމީދުގައި ކުރެއްވި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.
ދިޔާނާއަކީ ގާނޫނީ ރޮނގުން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވައި ރާއްޖެ ވަޑައިގެން ގާނޫނީ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި، އަދި ގާނޫނުއަސާސީގެ މަސައްކަތުގައި ވެސް ދިޔާނާ އުޅުއްވި އެވެ. އަދި ދިޔަނާވަނީ އެމްޑީޕީ ކޯލިޝަން ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރައްވާފަ އެވެ.