Last Updated: April 25, 22:40
Thursday, April 25, 2024
ޚަބަރު

އައްޑޫން ޓޫރިޒަމަށް ބިން ދޫކުރުމަށް ހުޅުވާލައިފި

އައްޑޫގައި ގެސްޓު ހައުސް އަދި ސިޓީ ހޮޓެލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ އައްޑޫގައި ގެސްޓު ހައުސް އަދި ސިޓީ ހޮޓެލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ބިޑް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދިވެހިންނަށް ބިޑް ޑޮކިއުމެންޓު 2000 ރުފިޔާއަށް ވިއްކާއިރު ބޭރު މީހެއް ނަމަ ބިޑް ޑޮކިއުމެންޓު ވިއްކާ އަގަކީ 300 ޑޮލަރު ކަމަށެވެ.

ސަރުކާރުން އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން އައްޑޫގެ ފަސް ސަރަހައްދަކުން 96 ޕޮލޮޓު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ވަނީ ޓޫރިޒަމަށް ކަނޑައެޅި ބިން ތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

އައްޑޫން ޓޫރިޒަމަށް ދޫކުރާ ބިންތައް:

* ހިތަދޫ ޓޫރިޒަމް ޒޯން (30 ޕްލޮޓް)
* ފޭދޫ، ދިގިހެރަ ޓޫރިޒަމް ޒޯން (24 ޕްލޮޓް)
* މަރަދޫ، ވެންބޮޅަފުށި ޓޫރިޒަމް ޒޯން (އެއް ޕްލޮޓް)
* ހުޅުދޫ، މާފިށި ޓޫރިޒަމް ޒޯން (25 ޕްލޮޓް)
* މީދޫ، މުލިމަތި ޓޫރިޒަމް ޒޯން (16 ޕްލޮޓް)

ޓޫރިޒަމަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު މިމަހުގެ 14 ވަނަ ދުވަހު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.