ބައްޕަ އޭނާގެ ދަރިއަށް ރަނގަޅު ޞާލިޙުމަންމައަކު ހޯދައި ދޭންޖެހެއެވެ. އެއީ އެދަރީގެ ޙައްޤު އަދާކުރާ މަންމައެކެވެ. އެދަރި ބެލެހެއްޓުމުގައި ފުރިހަމައަށް އޭނާގެ ވާޖިބު އަދާކުރާނެ މަންމައެކެވެ. އަމާނާތްތެރި ޢިއްފަތްތެރި މަންމައެކެވެ. އެދަރީގެ މައްޗަށް ރައްކާތެރިވާ، އަދި ބޭކާރު ގޮތުގައި ވަގުތު ދުއްވާ ނުލާ މަންމައެކެވެ.
ހަމައެފަދައިން މަންމަވެސް އޭނާގެ ދަރިއަށް ރަނގަޅު ބައްޕައަކު ހޯދައި ދޭންޖެހެއެވެ. އެއީ އޭނާގެ ދަރިއަށް ރައްކާތެރިވާ، އަދި ދަރީންގެ ޙައްޤުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރާ ބައްޕައެކެވެ. އަމާނާތްތެރި ބައްޕައެކެވެ.
ރަނގަޅު ޞާލިޙު މަންމައެއް ނުވަތަ ބައްޕައެއް އިޚްތިޔާރު ކުރުމަކީ ދަރީންގެ ޙައްޤުތަކުގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ކަމެކެވެ.
އެހެންކަމުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. تُنْكَحُ الْمَرْأَةُ لأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ މާނައީ: ހަތަރު ކަމަކަށްޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. (އެއީ) އޭނާގެ މުދާވެރިކަމަށްޓަކައެވެ. އަދި އޭނާގެ ޙަސަބާއި ނަސަބުގެ މޮޅުކަމަށްޓަކައެވެ. އަދި އޭނާގެ ރީތި ކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރި އަންހެނާ ލިބިގަންނާށެވެ. ތިބާއަށް އުފާވެރިކަން ލިބޭހުއްޓެވެ.
ދީންވެރި އަންހެނާ ލިބިގަންނާށެވެ. ދަރިން ހެޔޮ ރަނގަޅު ޞާލިޙު ދަރިންގެ ގޮތުގައި، އޭނާގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި އިލާހީ މަންހަޖުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެންމެ މުހިއްމީ ޞާލިޙު ދީންވެރި އަންހެނެކެވެ.
ހަމަ އެގޮތަށް، ރަނގަޅު ޞާލިޙު ފިރިއަކު އިޚްތިޔާރު ކުރަން އަންހެނާއަށްވެސް ޖެހޭނެއެވެ. އެފިރިއަކީ އަމާނާތްތެރިކަމާއި ރިވެތި އަޚްލާޤްގެ ވެރިއަކަށް ވާންޖެހެއެވެ.
މީހާ އޭނާގެ އަނބިމީހާ އިޚްތިޔާރު ކުރުމުގައި ރީތިކަމާއި ނަސަބާއި މުދަލަށް އެކަނި ބަލައި، އޭނާގެ ދަރީންގެ މި ޙައްޤު ހަނދާން ނައްތާލައިފިނަމަ، ﷲ ތަޢާލާ އޭނާއާ އެކަމާ ބެހޭގޮތުން ސުވާލު ކުރައްވައި އެކަމަށް އޭނާއަށް ޙައްޤު ސަޒާ ދެއްވާނެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ފިރިމީހާ، އަންބަކު އިޚްތިޔާރު ކުރުމުގައި، އެއަންހެނާއަކީ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދޭނެ، ނުރަނގަޅު އަންހެނަކުކަން އެނގި ހުރެ އިޚްތިޔާރު ކޮށްފިނަމަ، ﷲ ތަޢާލާގެ ޙަޟްރަތުގައި، އޭނާގެ ދަރިންނަށް އެ އަންހެނާ އަޅާނުލުމުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭނެއެވެ. އެކަމަށްޓަކައި އޭނާ ކުށްވެރިވާނެއެވެ.
ހަމަ އެގޮތަށް އަންހެނާ، ފިރިއަކު އިޚްތިޔާރު ކުރުމުގައި އެފިރިހެނާއަކީ ދަރިންގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާނެ މީހެއްކަން އެނގި ހުރެ، އަދި ދަރިންގެ ތަރުބިއްޔަތުގައި އިހުމާލުވާނެ މީހެއްކަން އެނގިހުރެ އިޚްތިޔާރުކޮށްފިނަމަ، ފަހުން ދިމާވާ ނޭދެވޭ ކަންތަކާމެދު ﷲ ސުވާލު ކުރައްވާނެއެވެ. އެކަމަށްޓަކައި އެ އަންހެންމީހާ ކުށްވެރިވާނެއެވެ.
ރަނގަޅު އަންބަކު ނުވަތަ ފިރިއަކު އިޚްތިޔާރު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ދަރިންގެ ޙައްޤުތަކުގެ ތެރެއިން ވާ ކަމެކެވެ. މީހާ ހޯދަން ޖެހޭނީ ގޮވާންކުރުމަށްޓަކައި ރަނގަޅު ބިމެކެވެ. ރަނގަޅު ބިމެއް ލިބިއްޖެނަމަ އެ ބިމުން ލިބޭ މޭވާ ރަނގަޅު ވާނެއެވެ.
މީގެ މާނައަކީ އަންހެނަކު، ނުބައި ފިރިއެއް ލިބުމުން އިމްތިޙާން ކުރެވިއްޖެ ޙާލެއްގައި، އެފަދަމީހާ، ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމެއް ނޫނެވެ. އެހެނެއްކަމަކު އެފަދަ މީހާއަށްވަނީ ކެތްތެރިކަމާއެކު، ﷲގެ ޙަޟްރަތުން ވާގިއެދިހުރެ، ތިމާގެ ބައިވެރިޔާ އިސްލާހުވޭތޯ، އަދި ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުވޭތޯ ބެލުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (يُخْرِجُ الْحَيَّ مِنَ الْمَيِّتِ) މަރުވެފައިވާ އެއްޗަކުން ދިރިހުރި އެއްޗެއް އެއިލާހު ނެރުއްވައެވެ.
އެ ޞަލާޙިއްޔަތެއް ނެތް ބައްފަގެ މައިކަށިން ރަނގަޅު ޞާލިޙު ދަރިއަކު ނެރުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެގޮތަށް ރަނގަޅު ބައްޕައެއްގެ ކިބައިން ނުބައި ދަރިއަކު ނެރުއްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަބޫޖަހުލުގެ ދަރިންގެ ތެރެއިން ޢިކްރިމާ ރަޟިޔަﷲ ޢަންހު ލައްވާފައެވެ. އެ ނުބައި ބައްޕަގެ މި ޞާލިޙު ދަރިއަކީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މާތްވެގެންވާ ޞަޙާބީއެކެވެ. މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންގެ ތެރެއިން ކޮމާންޑަރެކެވެ. ދީނަށްޓަކައި ބޮޑެތި މުސީބާތްތަކާ ﷲ ރުއްސުންލެއްވި ޢިކްރިމާ ކުރިމަތިލެއްވިއެވެ.
ހަމަ އެގޮތަށް ރަނގަޅު ބައްޕައެއްގެ ކިބައިން ނުބައި ދަރިންވެސް ﷲ ވަނީ ނެރުއްވާފައެވެ. ނޫޙް ޢަލައިހިއްސަލާމްގެ ދަރިކަލުންނަކީ މީގެ މިސާލެކެވެ.
އެހެންނަމަވެސް އަޞްލަކީ ރަނގަޅު ޞާލިޙު މައިންބަފައިންގެ ދަރިން ރަނގަޅުވުމެވެ. އަދި ނުބައި މީހުންގެ ދަރިން ނުބައި ވުމެވެ. އެހެންކަމުން އަޅުގަނޑުމެން ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޙައްޤުތަކާމެދު ރައްކާތެރިވާނެ މީހެކެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާމެދު ﷲއަށް ފުރިހަމައަށް ބިރުވެތިވާ މީހެކެވެ.
އޭރުން ﷲއިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފެންނަ ބިރުވެރި މަންޒަރުތަކުން އަމާން ބަނދަރަކަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ދަތުރު ކުރެވޭނެއެވެ. އެންމެ ފުރަތަމަ އިޞްލާޙުކުރަންވީ ތިމާގެ ނަފްސެވެ. އެއަށްފަހު ޢާއިލާއެވެ. އެއަށްފަހު މުޖުތަމަޢެވެ.