Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

އެމްޑީއެންއާ ހުރެ ގައުމު ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ހުރެ ގައުމު ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާ އުވާލަން ސަރުކާރަށް ގޮވާލަމުންނެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އިޔާޒު މިއަދު ވިދާޅުވީ އެމްޑީއެންއާ ހުރެ ރައްޔިތުންނާއި ސަރުކާރާއި ޖެހި، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން ލަސްނުކޮށް އެމްޑީއެން އުވާލަންޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.

އެމްޑީއެންއާ މެދު އިތުރު ފިޔަވަޅެއް އަޅާނީ ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށްފަހު ކަމަށް ސަރުކާރުން ބުނެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ އެ ރިޕޯޓުގައިވާ ކަންކަން ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވާތީ ބެލިބެލުމުން ދީނަށް ފާޑުކިޔައި، ތައުހީނުކޮށް ފުރައްސާރަ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ޖަމިއްޔާތަކާ ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިސްލާމް ދީނާ ޚިލާފު ވާހަކައެއް ފެތުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ކަމެކެވެ. އެފަދަ ކަމެއް ކުރި ޖަމިއްޔާއެއް އުވާލުމުގެ ބާރު ޔޫތް މިނިސްޓްރީއަށް ގާނޫނުން ލިބިފައި އޮވެއެވެ. ބެލެވޭ ގޮތުގައި ފުލުހުންގެ މި ލަފަޔާއެކު ޔޫތް މިނިސްޓްރީން އެމްޑީއެން އުވާލާނެއެވެ. ނަމަވެސް ސަރުކާރުން އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.