Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދައުލަތުގެ ބަޖެޓުން 5 ޕަސެންޓު ކައުންސިލްތަކަށް ދޭ ބިލަށް ހިޔާލު ހޯދަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި ގުޅޭ ގޮތުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފަހު ވަގުތަކީ ނޮވެމްބަރު 10 ކަމަށްވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެ އެވެ. ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލު ބަލައިގަނެ ލާމަރުކަޒު ކޮމެޓީން އަންނަނީ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެއިތުރުން ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުމާއި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރެވޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި ބިލަށް ގެންނަ އިތުރު އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން ހިމެނެއެެވެ.

ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.