ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިޔަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައިވެސް ވަނީ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. ފުލުހުން އޭރު ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމުކޮށް ބާއްވަމުން ގެންދާކަމާއި، އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނުން މަނާކޮށްފައިވާ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ގާނޫނުގައި ބަޔާންކުރާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް، ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާ އަދި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދުތަކުގެ މަގުތަކާ އެނޫންވެސް ތަންތަނުގެ ސަލާމަތީ ކަންކަން ހަމަޖެއްސުމަށް ވަރަށް އިސްކަންދޭ ކަމަށެވެ. އެހެންކަމުން ގާނޫނުން ލިބިދޭ މިނިވަންކަން ބޭނުން ކުރުމުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.