އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވި އަޒްރާ ނަސީމް ރާއްޖެ އައުމަށް އުޒުރުވެރިވެއްޖެއެވެ
ފުލުހުން މީގެކުރިން ބުނެފައިވަނީ އަޒްރާ އާއި އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް އަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް 14 ދުވަހުގެ މުހުލަތެއްވެސް ފުލުހުން ވަނީ ދީފައެވެ.
ފުލުހުން މިއަދު ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ރައްކާތެރި މާހައުލެއް ރާއްޖެއިން ލިބޭނެ ކަމުގެ ޔަގީންކަން ނެތުމާއި އެކު ރާއްޖެއައުމަށް އުޒުރުވެރިވާ ކަމަށްބުނެ އަޒްރާ ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޝަހިންދާ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށިއިރު ވެސް ޝަހިންދާ އާއި އަޒްރާ ތިބީ ރާއްޖެ އިން ބޭރުގައެވެ.
އެމްޑީއެން ރިޕޯޓުގައި ހުރި ކަންކަން ބަލާ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ ތަހުގީގު ކުރިއަށް ދިޔައިރު ފުލުހުން ވަނީ ދީނީ އިލްމުވެރިންތަކެއް ލައްވާ އެ ރިޕޯޓު އިތުރަށް ދިރާސާ ކޮށްފައެވެ. އަދި ފުލުހުން ވަނީ އެމްޑީއެންއިން ޕްރިމިލިނަރީ އެސެސްމެންޓް އޮފް ރޭޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބުނެފައެވެ.
އެ ރިޕޯޓުގައި ރަސޫލާއަށް ނިސްބަތްކޮށް ބަދު ބަސް ރައްދުކޮށްފައިވާއިރު މައްސަލަ ފުލުހުން ބަލަމުންދާތީ ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އެ ނެޓްވޯކުން އެފަދަ ކަމެއް ކުރުމުން އުވާލުމަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެމްޑީއެން ސަސްޕެންޑު ކުރުމުން ބޭރުގެ ބައެއް ޖަމާއަތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔައި، ސަސްޕެންޝަން އުވާލުމަށް ގޮވާލާފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީއެންގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއިލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބޭރު ދުނިޔޭގައި އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކައެއް ފެތުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ކަމެކެވެ. އެފަދަ ކަމެއް ކުރި ޖަމިއްޔާއެއް އުވާލުމުގެ ބާރު ޔޫތް މިނިސްޓްރީއަށް ގާނޫނުން ލިބިފައި އޮވެއެވެ. ބެލެވޭ ގޮތުގައި ފުލުހުންގެ މި ލަފަޔާއެކު ޔޫތް މިނިސްޓްރީން އެމްޑީއެން އުވާލާނެއެވެ. ނަމަވެސް ސަރުކާރުން އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.