މަސްތުވެގެން ހުރެ ފޭދޫ މިސްކިތަކަށް އަރާ އިން މީހަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ އިޝާ ނަމާދުން ފޭބި ތަނާ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ ފޭދޫ އާބާދީގެ، މުހައްމަދު ދީދީ (50އ) ކަމަށެވެ.
އޭނާ ބުނީ ފޭދޫ މާދެލަ ސަރަހައްދުގައި ހުންނަ މަސްޖިދުލް "އައްވާބީން" މިސްކިތަށް މިރޭ އިޝާ ނަމާދަށް ދިޔަ އިރުވެސް އޭނާ މަސްތުގެ ހާލު މިސްކިތު ތެރޭގައި ހުރި ކަމަށެވެ. އަދި މިސްކިތަށް ދިޔަ ބައެއް މީހުން ގާތު ތިމަންނަ އުޅެނީ ބަލިކަމަށް ބުނެ މިސްކިތުތެރޭގައި އުޅުނު ކަމަށެވެ.
"އަހަރެމެން މިސްކިތަށް ދިޔަ އިރުވެސް މި މީހަކު މިސްކިތުގެ ތެރޭގައި ހުރި. އޭނާ ހުރީ މަސްތުގެ ހާލު، ކިޔޭ ނުކިޔޭއެއް ނޭގެ. އެހެން ހުރެ ނަމާދު ކުރަމުން ގޮސް ސަޖިދަ އަށް ދާ ގޮތަށް ދެން ނުތެދުވޭ. އެސަކަރާތެއްގައި ހުއްޓާ ނަމާދު ނިމުނު ތަނާހެން ފުލުހުން އައިސް އޭނާ ހައްޔަރު ކޮށްގެން ގޮސްފި" ނަމާދަށް ދިޔަ ފޭދޫ ޒުވާނަކު ބުންޏެވެ.
ވައްކަމާއި، މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މުހައްމަދު ދީދީ އަކީ ޖަލުގައި ހުކުމް ކޮށްފައި ހުއްޓާ ކޮންމެ ވެސް ގޮތަކުން ސަލާމަތްވެގެން އެބުރި ފޭދޫއަށް އައިސް ހުރި މީހެކެވެ.
މިހާރު މުހައްމަދު ދީދީ ވަނީ ގަމުގެ ފުލުސް ސްޓޭޝަނަށް ގެންގޮސްފައެވެ.