Last Updated: May 5, 11:17
Sunday, May 5, 2024
ޚަބަރު

އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުން ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެންޖެހޭ: އިޔާޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ލިޔުނު މީހުން ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޝައިހް އިޔާޒު މިކަމަށް ގޮވާލާފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ރިޕޯޓު ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފުލުހަށް ހާޒިރުވާން މިހާރު ވަނީ ޗިޓު ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އިސް މީހުން މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ.

ފުލުހުން ޗިޓު ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް އާއި އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ އަޒްރާ ނަސީމް ހިމެނިވަޑައިގަންނަވައެވެ. މީގެތެރެއިން އަޒްރާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ރައްކާތެރި މާހައުލެއް ރާއްޖެއިން ލިބޭނެ ކަމުގެ ޔަގީންކަން ނެތުމާއި އެކު ރާއްޖެއައުމަށް އުޒުރުވެރިވާކަން ފުލުހުންނަށް އަންގާފައެވެ. ނަމަވެސް ޝަހިންދާ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.