އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.
މި ސަރުކާރުން ފުރަތަމަ ހުށަހެޅި ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ.
މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ މުހިއްމު އިސްކަމެއް ދޭނީ ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށެވެ. އެގޮތުން އެކްޝަން ޕްލޭންގައިވާ ކަންކަންވެސް ސަރުކާރުން ވަނީ ފަސް ދާއިރާއަކަށް ބަހާލާފައެވެ. އޭގެ ތެރެއިން ނޫއިގްތިސާދަށް ބަޖެޓްގެ 11 ޕަސެންޓް، އޯގާތެރި ސަރުކާރަށް ބަޖެޓްގެ 33 ޕަސެންޓް، ފަޚުރުވެރި އާއިލާ އަށް 10 ޕަސެންޓް، ޖާޒީރާ ދިރިއުޅުމަށް 16 ޕަސެންޓް އަދި ހެޔޮވެރިކަމެއް ގާއިމްކުރުމަށް ބަޖެޓްގެ 30 ޕަސެންޓް ހޭދަކުރެވޭނެ އެވެ.
މިއަހަރުގެ ޖީޑީޕީ 5.2 ޕަސެންޓުގައި ހުރި ނަމަވެސް އަންނަ އަހަރު ޖީޑީޕީ 7.5 ޕަސެންޓު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޖީޑީޕީ ކުރިއަރާނީ 7.5 ޕަސެންޓްގައި އެގޮތުން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. ކޮންސްޓްރަކްޝަން ދާއިރާއަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ދާއިރާތަކުގެ ރިއަލް ޖީޑީޕީ 3.8 ޕަސެންޓް ކުރިއަރާނެ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ބަޖެޓްކޮށްފައި ވެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ފަސް ކަމެއް ރާވާފައިވާއިރު އަލަށް ރާވާފައިވާ ކަންކަމުން ދައުލަތުން 2.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުމަށް ނިންމާފައިވާއިރު އޭގެއިން ބެލެވެނީ 714 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތަކުން 706 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު
އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުން 319 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު
އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓް ލިބޭނެ ކަމަށް ބެލެވެނީ 290 މިލިއަން ރުފިޔާ ކަމަށް ދައުލަތުން ވަނީ ލަފާކޮށްފައެވެ.
ޑެފިސިޓް ފޫބެއްދުން
އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ބޮންޑު ވިއްކުމަށް ވަނީ ނިންމާފައެވެ. އެއީ ބަޖެޓުގެ ޑެފިސިޓު ފޫ ބެއްދުމަށެވެ. އެގޮތުން ފިނޭންސުން ބުނި ގޮތުގައި ޑެފިސިޓްވާ ބައި ފޫބެއްދުމަށްޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާފައިވާ ލޯނުތަކުން ތިން ބިލިއަން ރުފިޔާ ޑިސްބާސް ކުރާނެ އެވެ. އަދި ބޭރު ފަރާތްތަކަށް ވިއްކާ ބޮންޑާއި ސުކޫކުން 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް އެއްކޮށް ބޭނުން ކުރެވޭނެ ކަމަށް ފިނޭންސުން ބުނެ އެވެ. ހަމައެއާއެކުގައި ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑުން 564 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.