Last Updated: May 14, 08:37
Tuesday, May 14, 2024
ސިޔާސީ

އައްޑޫ ސިޓީ މާލެ ޖަގަހަ ހުޅުވައިފި

މާލޭގައި ހުޅުވި "ދޮންދީނާ" ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްނިއްޔާތުގައި ރައިށް ނަޝީދު. ފޮޓޯ: އެމްޑީޕީ

އެމްޑީޕީ "އެއްބުރުން" ކެމްޕެއިން ކުރުމަށް އައްޑޫ މީހުންނަށް ހާއްސަ ޖަހަގައެއް ރޭ މާލޭގައި ހުޅުވައިފިއެވެ. ރޭ ހުޅުވި ކެމްޕެއިން ޖަގަހަ ހުޅުވައި ދެއްވީ އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުއެވެ.

އެމްޕީއެލް ސަރަހައްދުގައި ހުޅުވި މިކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްނިއްޔާތަށް މާލޭގައި ދިރިއުޅޭ އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމެއްގައި ފުރިހަމަ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރައްވާނެ ކަމަށާއި ގަން އެއާޕޯޓްގެ މަސައްކަތް މިހާރު ކުރިއަށް އެގެންދާގޮތައް ގެންގޮސް ރަންވޭ ބޮޑުކޮށް މިހާރަށް ވުރެ ބޮޑެތި ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކުރައްވާނެ ކަމަށެވެ. އަދި ދާއިމީގޮތެއްގައި ޔޫރަޕުންނާއި އެހެންވެސް ތަންތަނުން ގަން އެއާޕޯޓުގައި ފްލައިޓް ޖައްސައި އެ އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް ފުޅާކުރުމަކީ ވެސް އެމްޑީޕީގެ ތަސައްވުރެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫގައި އުފެއްދި ސަދަން ޔުޓިލިޓީ ކުންފުނި މިހާރު ވަނީ އަނެއްކާ ވެސް ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި މާލޭގައި ހުންނަ ކޮންމެވެސް އޮފީހަކުން އަމުރުކުރާ އުސޫލަށް އިދާރީ އޮނިގަނޑު ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީގައި ހުރިހާ މަސައްކަތެއް ހިންގުމުގެ ބާރު އެ ކުންފުންޏަށް ހޯދައިދީ އައްޑޫގެ ރައްޔިތުންނަށް އައްޑޫގެ އެ ކުންފުނީގެ ހިއްސާ ލިބޭ ގޮތަށް ފްލޯޓްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގެ ހެލްތު ކޯޕަރޭޝަން ވެސް އަލުން އުފައްދައި ސިއްހަތުގެ ނިޒާމު ބަދަލު ކުރައްވާނެ ކަމަށާއި ރަނގަޅު ފެންވަރެއްގެ ބޮޑު ހޮސްޕިޓަލެއް އައްޑޫގައި ޤާއިމް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މީގެ އިތުރުންވެސް އައްޑޫއަށް ގެންނަވާނެ ތަރައްޤީގެ ވާހަކަތައް އެމަނިކުފާނު ދެއްކެވިއެވެ.

ރޭގެ އައްޑޫ ސިޓީ މާލެ ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އައްޑުއަށް ވަޑައިނުގަތުމަށް އެދި ޖަމީލް ދެއްކެވި ވާހަކަފުޅަށް މުޙައްމަދު އަސްލަމް ރައްދު ދެއްވިއެވެ.

އައްޑޫ ބަހުން ކިޔާފައިވާ ކެމްޕޭނާ ގުޅޭ ޚާއްޞަ ލަވައެއްވެސް ރޭ ވަނީ ޖަހާފައެވެ. އަދި ބޮޑުބެރާއި ބޮންޑިބަތް ފަރިއްކޮޅެއް އޮތް މިޖަލްސާގައި ނަޝީދުގެ އިތުރުން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އަސްލަމްގެ ވާހަކައިގާ ރައީސް ނަޝީދަކީ އައްޑޫގެ ތަރައްޤީގެ ބާނީ ކަމަށާއި އައްޑޫ ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބި އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ބޭފުޅާކަމަށް ވިދާޅުވިއެވެ.

އެގޮތުން ދާދިފަހުން ޕީޕީއެމްގެ ރަނިންމޭޓް މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަ ފުޅަށް އަސްލަމް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އަސްލަމް ވިދާޅުވީ “ކަނު ނޫންނަމަ ފެންނަގޮތަށް އަދި ބީރު ނޫންނަމަ އަޑުއިވޭގޮތަށް” ރައީސް ނަޝީދު އައްޑުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް އައްޑޫއިން އެމަނިކުފާނަށް ދަންނަވާނެކަމަށެވެ.

“ޕީޕީއެމްގެ ރަނިންމޭޓު މުހައްމަދު ޖަމީލު ރައީސް ނަޝީދަށް އިންޒާރު ދެއްވައިފިޔޯ އައްޑުއަށް ނޭރުމަށް. މިފަދަ އަޑުތައް އެތައްފަހަރަކު އަޑު އިވިފައިވާތީވެ. މުޅިން ހަމަނޫންބޭފުޅެއްކަމަށް ދެކޭތީވެ (ޖަމީލުގެ) ފަހަތުން ދުއްވައި ނުގަތީ.” އަސްލަމް ވިދާޅުވި އެވެ.

އައްޑޫގެ ހަގީގީ ތަރައްގީގެ ބާނީއަކީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި، އެފަދަ ބޭފުޅަކު އައްޑުއަށް ނޭރުމަށް އިންޒާރު ދިނުމަކީ ވަރަށްބޮޑު ގޯހެއްކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ރައީސް ނަޝީދު އުމްރާއަށް ވަޑައިގެންނެވުމަށްފަހު އަލުން ރާއްޖެއަށް ވަޑައިގަތުމަށްފަހު ވީ އެންމެ އަވަހަކަށް އައްޑުއަށް ވަޑައިގަތުމަކީ އައްޑޫގެ ރައްޔިޔުންގެ ވަރަށްބޮޑު އެދުމެއް ކަމަށާއި، ވީއެންމެ އަވަހަކަށް ރައީސް ނަޝީދު އައްޑުއަށް ވަޑައިގަތުމަށް އަސްލަމް ވަނީ ދައުވަތު ދެއްވާފައި އެވެ.

އަސްލަމްގެ ދައުވަތު ގަބޫލުކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރޯދަމަހުގެ ތެރޭގައި އުމްރާއިން ވަޑައިގެން އައްޑުއަށް ވަޑައިގަންނަވާނެ ކަމަށާއި، އަސްލަމްގެ ގެއިން ރޯދަ ވިއްލަވާނެކަމަށެވެ.

އައްޑޫއަކީ އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު އަތޮޅެކެވެ. މަޖިލީހުގައިވެސް ގިނައިން ތިއްބަވަނީ އެމްޑީޕީގެ މެންބަރުން ކަމަށްވާއިރު އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ.