Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހައިލަމްގެ ތަހުނިޔާގައި ރައީސާއި މަޖިލިސް ރައީސްގެ ކަރުގައި ޗޭނު ޖަހާފައި

ގާޒީ ހައިލަމް- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ތަހުނިޔާ ވިދާޅުވެފައިވާ ފޮޓޯއެއް ޕޯސްޓުކުރީ ކްރިމިނަލް ކޯޓުގެ ވައިބަ ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. އެ ގްރޫޕަކީ ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓެކެވެ.

އެ ޕޯސްޓުގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

އެ ކުރެހުމުގައި ލިޔެފައިވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެނެވެ.

ހައިލަމްގެ ތަހުނިޔާގެ މި މެސެޖު ލީކުވެފައިވާއިރު މާދަމާއަކީ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުން އޮންނަ ދުވަހެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކީ ހައިލަމް އައްޔަންކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި ސިޔާސީ ގިނަ ފަރާތްތަކަކަށް އޭރުގެ ސަރުކާރުގައި ކޮށްފައިވާ ހުކުމްތައް ވެސް ކޮށްފައިވަނީ ހައިލަމް އެ ކޯޓުގެ އިސްގާޒީއަކަށް އައްޔަން ކުރެއްވި ފަހުންނެވެ.