Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސިނގިރޭޓްން އަނެއްކާވެސް ޑިއުޓީ ބޮޑުކުރަނީ

ބައެއް ފިހާރަތަކުން ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލައިފި- ފޮޓޯ- މީސް މީޑިއާ

އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމައިފި އެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2017ވަނަ އަހަރުއެވެ. ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ ރާއްޖެ އެތެރެކާ ކުރާ ކޮންމެ ސިގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގައި ބުނެފައިވާގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 1.1 ޕަސެންޓް އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ފަސް ކަމެއް ރާވާފައިވާއިރު އަލަށް ރާވާފައިވާ ކަންކަމުން ދައުލަތުން 2.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުމަށް ނިންމާފައިވާއިރު އޭގެއިން ބެލެވެނީ 714 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތަކުން 706 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުން 319 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓް ލިބޭނެ ކަމަށް ބެލެވެނީ 290 މިލިއަން ރުފިޔާ ކަމަށް ދައުލަތުން ވަނީ ލަފާކޮށްފައެވެ.