އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4،412 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ ރިކަރަންޓު ހަރަދުގެ ގޮތުގައި 3،794 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ސްކޮލަރޝިޕް އަދި ތަމްރީން ޕްރޮގްރާމްތަކަށް %21ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި %56 ކަނޑައަޅާފައިވާއިރު އެހެނިހެން ރިކަރަންޓް ޚަރަދުގެ ގޮތުގައި %23ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ލޯނު ސްކީމަށާއި ހިލޭ ފަސްޓްޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް، ރާއްޖޭގެ 104 ރަށެއްގައި މަޝްރޫޢުތައް ހިންގުމަށް ވަނީ ކަނޑައަޅާފައިވާއިރު އަތޮޅުތަކުގައި ތައުލީމީ އިންފްރަސްޓްރަކްޗާ ގާއިމްކުރުމަށް 330މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް އިމާރާތް އެޅުމަށް 65 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ސީ.އެޗް.އެސް.އީ ގެ 8 ފަންގިފިލާގެ އިމާރާތް އެޅުމަށް 22 މިލިޔަން ރުފިޔާވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.
މާލެއާއި ފުވައްމުލައް ސިޓީގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް އިންސްޓިޓިއުޝަންތައް ގާއިމްކުރުމަށް 27 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު 35 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާނީ މެޑިކަލް ސްކޫލް ގާއިމްކުރުމަށެވެ.