Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު 2:00އަށެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް އޮތީ ތާވަލުކޮށްފައެވެ. އެ މައްސަލައަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވުމާއި ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު ދާދިފަހުން ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް މި ދެ ބޭފުޅުން ހާޒިރުކުރި ސީދާ ސަބަބެއް ފުލުހުންވެސް އަދި އެ ބޭފުޅުންވެސް ހާމައެއް ނުކުރައްވައެވެ.